މާލޭގެ މަގުމަތީގެ އަމާންކަން ކަށަވަރުކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 21,354 އުޅަނދު ބަލައި ފާސްކޮށް، އޭގެ ތެރެއިން 10,878 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ބަލައި ފާސްކުރި ކޮންމެ 100 އުޅަނދަކުން ގާތްގަނޑަކަށް 51 އުޅަނދު ޖޫރިމަނާކޮށްފައިވާއިރު، 8,740 ފަހަރު ވަނީ ނަސޭހަތް ދީފައެވެ. އަދި މަގުމަތީގެ ޤަވާއިދުތައް ތަންފީޒުކުރުމަށް މުޅިޖުމްލަ 998 ޗެކްޕޮއިންޓެއް ގާއިމުކޮށް، ޓްރެފިކް ބެލެހެއްޓުމުގެ 10,263 ހަރަކާތެއް ވަނީ ހިންގާފައެވެ.
ޤަވާއިދާ ޚިލާފަށް ޕާކުކުރުމުގެ މައްސަލަތަކުގައި އުޅަނދުތައް ޓޯކުރުމުގެ ކުރިން އަމިއްލައަށް ނެގުމަށް އެދި 23,608 ފޯނު ކޯލު ކޮށްފައިވާއިރު، ގަވާއިދާ ޚިލާފަށް ޕާކުކޮށްގެން 3,417 އުޅަނދެއް (3,336 ސައިކަލާއި 81 ހަތަރު ފުރޮޅުލީ އުޅަނދު) ވަނީ ޓޯކޮށްފައެވެ. މީގެއިތުރުން ލައިސަންސް ނެތި އުޅަނދު ދުއްވި 1,052 ފަރާތަކަށާއި، ނުރައްކާތެރިކޮށް ދުއްވި 77 ފަރާތަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. ޖުމްލަ 59 ބާވަތެއްގެ ކުށަށް ޖޫރިމަނާކޮށްފައިވާއިރު، އެންމެ ގިނައިން ޖޫރިމަނާކޮށްފައިވަނީ އުޅަނދުގެ އަހަރީ ފީގެ މުއްދަތު ހަމަވެގެންނެވެ (2,249 ޖޫރިމަނާ).



