ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޯސްޓްމޯޓަމްގެ ޚިދުމަތް ދިނުމަށްޓަކައި ލެވެލް 2 ގެ މެޑިކަލް ޔުނިޓެއް ޤާއިމުކުރުމަށް ހުޅުމާލެ ސަހަރާ ކައިރިން ބިން ހަމަޖެހި، އެތަނުގެ ކުރެހުންތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ސްކޭން ކުރުމުގެ ވަސީލަތްތަކާއެކު ތަރައްޤީކުރާ މި ފެސިލިޓީ މެދުވެރިކޮށް، މަރުވާ ސަބަބު ދެނެގަތުމުގެ ތަހުލީލުތަކުގެ އިތުރުން ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތަކާއި، ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތައް ތަހުލީލުކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ސިއްޙީ ވަޒީރު ޤީލާ އަލީ ވަނީ ފާހަގަކުރައްވާފައެވެ.
ޕޯސްޓްމޯޓަމް ހެދުމާ ގުޅޭގޮތުން 2015 ވަނަ އަހަރު ޤާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް، މީގެ ކުރިން އެ ޚިދުމަތް ރާއްޖޭގައި ގާއިމުކޮށްފައި ނުވާތީ، ހަށިގަނޑުތައް ފޮނުވަންޖެހެނީ ރާއްޖެއިން ބޭރަށެވެ.
އެގޮތުން ފާއިތުވި 10 އަހަރު ތެރޭގައި 23 ހަށިގަނޑު ބޭރަށް ފޮނުވާފައިވާއިރު، މީހަކަށް 55،000 ރުފިޔާ ހޭދަވެފައިވެއެވެ. ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މެޑިކަލް ޔުނިޓު އެކުލަވާލުމުގެ ކުރިން ފޮރެންސިކް ޕެތޮލޮޖީގެ ޤަވާއިދު އެކުލަވާލައި ގެޒެޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.




