ރާއްޖޭގައި އަސާސީ ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން "ދަތިވެއްޖެ" ނަމުގައި މުޒާހަރާއެއް ބާއްވަން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މި މުޒާހަރާ އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުގެ ހަވީރު 16:30 ގައި ސޯޝަލް ސެންޓަރު ކައިރީގައެވެ.
މި މުޒާހަރާ އިއުލާންކުރައްވަމުން ރައީސް ނަޝީދު ވަނީ ރާއްޖެއިން ޑޮލަރު ހުސްވެ، ދަރަނި ދެއްކުމަށް ރިޒާވްގައި ހުރި ފައިސާ ބޭނުންކުރުމުގެ ސަބަބުން އިގުތިސާދީ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މައި ބަނދަރަށް ގެންނަ މުދާ ނުބޭލިގެން ސިންގަޕޫރާއި ކޮލަމްބޯއަށް ކޮންޓެއިނަރުތައް ގެންދަންޖެހުމުގެ ސަބަބުން ފްރައިޓާއި ޑެމޮރޭޖް ބޮޑުވެ، ތަކެތީގެ އަގުތައް އިތުރަށް އުފުލެމުންދާއިރު، ރައްޔިތުންގެ އާމްދަނީއަށް ބަދަލެއް ނުއަންނާތީ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ނެރުނު ރިޕޯޓުގައިވެސް، މެދުއިރުމަތީގެ ހަނގުރާމައާއި ތެލާއި ކާބޯތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން މިއަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން 1.0 އިންސައްތައަށް ދަށްވެ، އިންފްލޭޝަން 5.0 އިންސައްތައަށް އުފުލޭނެ ކަމަށް ލަފާކޮށްފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.




