ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކުރިއަށް އޮތް ގައުމީ ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރައްވާނެކަން މިހާތަނަށް 6 ބޭފުޅަކު އިއުލާނު ކުރައްވައިފިއެވެ.
މި މަގާމުގެ ސިޔާސީ ވާދަވެރިކަން ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރައްވާނެކަން މިހާތަނަށް އާންމުކުރައްވާފައިވަނީ ސަރުކާރާއި މަޖިލީހުގެ މުހިންމު 6 ބޭފުޅެކެވެ.
އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުވެސް ވަނީ މި މަގާމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހާމަކުރައްވާފައެވެ.
ޕީއެންސީގެ އަސާސީ ގަވާއިދު ބުނާގޮތުން އެ ޕާޓީގައި ޖުމްލަ 7 ނައިބު ރައީސުން ތިއްބަވައެވެ. ނަމަވެސް ޕާޓީ ވެރިކަމުގައި އޮންނަ މުއްދަތުގައި، ރާއްޖޭގެ ނައިބު ރައީސަކަށް ހުންނަވާ ބޭފުޅަކަށް އިންތިޚާބަކާ ނުލައި އޮޓޮމެޓިކުން ޕީއެންސީގެ ނައިބު ރައީސްކަން ލިބިވަޑައިގަންނަވާނެއެވެ. އެހެންކަމުން މިހާރުގެ ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފަށް ވަނީ އެ މަގާމު ކަށަވަރުވެފައެވެ.
މި ކޮންގްރެސް ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ އަންނަ ސެޕްޓެމްބަރު މަހު ކަމަށްވީ ނަމަވެސް، ޕާޓީގެ ކައުންސިލް ބައްދަލުވުމުން ވަނީ ކޮންގްރެސް އަވަސްކުރުމަށް ނިންމާފައެވެ. ކޮންގްރެސް އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ރައީސް ډރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުން ކައުންސިލުން ފާސްކޮށްފައިވާއިރު، މިހާރު ދަނީ ކޮންގްރެސްއަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ. ޕީއެންސީން މަސައްކަތް ކުރަމުންދަނީ މި ކޮންގްރެސް މެދުވެރިކޮށް ޕާޓީގެ އެތެރޭގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ކުރިއަށްުރިއަށް ހުރި ސިޔާސީ ހަރަކާތްތަކަށް ޕާޓީ އިންތިޒާމުކުރުމަށެވެ.



