އަމީނީމަގު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ފުރަތަމަ ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގަނޑު ނެގުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުގެ ދަށުން މަގު މަރާމާތުކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކުރީ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ނިންމި 1.79 ކިލޯމީޓަރުގެ މި މަގުގެ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވަނީ، ފަންނީ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި، ތާރު އެޅުމަށްފަހު އެ ނުހިކެނީސް ބަސް ފަދަ ބަރު އުޅަނދުފަހަރަށް މަގު ހުޅުވާލުމުގެ ސަބަބުންނެވެ.
މި މަސައްކަތަށްޓަކައި ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އިއްޒުއްދީން މަގުން އޮންނަ ހިސާބުން ދަރުމަވަންތަ ހޮސްޕިޓަލު ކައިރި ޕާކާ ހަމައަށް މަގު ބަންދުކޮށްފައިވާއިރު، މީގެ ސަބަބުން އާރްޓީއެލް ބަހުގެ ޚިދުމަތަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ރޫޓް-10 ގެ ދަތުރުތައް ފަށައި ނިންމާނީ ވެސްޓު ޕާކު ބަސް ސްޓޮޕަށް ކަމަށްވާއިރު، ސޯޝަލް ސެންޓަރާއި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް އެ ބަސްތައް މަޑެއް ނުކުރާނެއެވެ. މީގެ އިތުރުން ރޫޓް-11 ގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑާލާފައިވާއިރު، ރޫޓް 1، 3، 7 އަދި 15 ގެ ބަސްތަކުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މާފަންނު ބަސް ޓާމިނަލެވެ.




