2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލ. އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަންހެނެއްގެ ޖަންގިޔަލުގެ ތެރެއިން ފެނުނު 9.2 ގްރާމްގެ ޑައިމޯފިންއަކީ އޭނާގެ އެއްޗެއް ކަމަށް އެ މައްސަލައިގައި ދެން ހައްޔަރުކުރި ފިރިހެން މީހާ އިއުތިރާފުވުމުން، އަންހެން މީހާގެ މައްޗަށް ކުރި ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ.
ހއ. ހޯރަފުށްޓަށް ނިސްބަތްވާ އަންހެން މީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، އެ މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ލައިގެން ހުރި ޖަންގިޔަލުގައި ހަރުކޮށްފައި ހުރި ޕެޑެއްގެ މަތީގައި ޓޭޕް އަޅާފައި ހުއްޓާއެވެ. މި މައްސަލައިގައި އަންހެން މީހާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލިއިރު، މައްސަލައިގައި ހިމެނޭ ލ. މާވަށު ފިރިހެން މީހާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ދައުވާވެސް ދައުލަތުން ކުރިއެވެ.
ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި ފިރިހެން މީހާ ވަނީ އެއީ އޭނާގެ މަސްތުވާތަކެތި ކަމަށް ބުނެ އެއާ ހަވާލުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. އެއާއެކު އަންހެން މީހާގެ ދައުވާ ކުރިއަށް ނުގެންދަން ދައުލަތުން ނިންމުމުން ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.
ކުށަށް އިއުތިރާފުވުމުން ފިރިހެން މީހާގެ މައްޗަށް އިއްވީ ލުއި އަދަބެކެވެ. އެގޮތުން ކެނެބިސް ބޭނުންކުރުމުގެ ދައުވާއަށް އެއް އަހަރާއި ފަސް މަހާއި ހަތަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި අතර، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއަށް އިއްވީ 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމަކާއެކު 50،000 ރުފިޔާގެ ޖޫރިމަނާއެކެވެ.



