ހދ. ނެއްލައިދޫ ސިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ ކޮންކްރީޓް މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން ސިއްހީ ހިދުމަތަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، 24 ގަޑިއިރު ހިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން މިއަހަރާއި އަންނައަހަރުގެ ތެރޭގައި ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އެގޮތުން ރަށްރަށުގައި ތިބެގެން ޑޮކްޓަރުންނާއި ލެބޯޓަރީގެ ހިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމާއި، ތެލެސީމިއާ އަދި ޑައިލިސިސް ފަދަ ޚާއްޞަ ހިދުމަތްތައް ފުޅާކުރުމުގެ އިތުރުން، ސިއްހީ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.



