ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅުނު ސިފައިން ތަމްރީނުކުރުމަށް ހިންގި އަސާސީ ތަމްރީނު ކޯހުގެ 73 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ގިރިފުށީ ޓްރެއިނިން ސެންޓަރުގައި ބާއްވައިފިއެވެ.
މިއަހަރުގެ މާރިޗު 7 އިން ފެށިގެން އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން ކުރިއަށްގެންދިޔަ މި ކޯހުން ޖުމްލަ 117 ދަރިވަރުން ދަސްވެނިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 22 އަންހެން ދަރިވަރުންނާއި 95 ފިރިހެން ދަރިވަރުންނެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ. އެމަނިކުފާނު ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމަށްފަހު، ކޯހުން އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.
ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑާއި ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދޭ "ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް" ހާސިލުކުރީ ޕްރައިވެޓް މަހުދީ އަޙްމަދުއެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަށް ދޭ "ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް" ޕްރައިވެޓް ރިފާ މުޙައްމަދު ހާސިލުކުރިއިރު، އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރަށް ދޭ "މޭޖަރ އިނގިރޭސި ޢުމަރު މަނިކު އެވޯޑް" ހާސިލުކުރީ ޕްރައިވެޓް މުޙައްމަދު ޝައުން ނާފިޢުއެވެ. އަދި މަޒުމޫނު ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރަށް ދޭ "މޭޖަރ ޙުސައިން ޝާކިރު އެވޯޑް" ހާސިލުކުރީ ޕްރައިވެޓް އަސްލަން އިބްރާހީމް ރަޝީދުއެވެ.
މުޅި ކޯހުން އެއްވަނަ ޕްލެޓޫނަކަށް ޝަހީދު ޢަލީރަސްގެފާނު ކޮމްޕެނީގެ ބްރާވޯ ޕްލެޓޫން ހޮވުނުއިރު، އެ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކީ ޕްރައިވެޓް މަރިޔަމް ޝާނީއެވެ. މީގެއިތުރުން ޓެންގޯ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް ރިފާ މުޙައްމަދު، ޗާލީ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އާނިމް މުޙައްމަދު، އަދި ގޮލްފް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އައިޝަތު ޝާމިޒް ޢަޒީޒް ވަނީ ހޮވިފައެވެ.
މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންްގެ ޢަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
މި ޙަފްލާގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ޖެނެރަލް އޮފިސަރުންގެ އިތުރުން ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ނަޞްރުﷲ ވަސީމާއި، ސިފައިންގެ އޮފިސަރުންނާއި ކޯހުގެ މުދައްރިބުން އަދި ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ ފަރާތްތަކަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމާއި ހުނަރު އުނގަންނައިދީ، ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ އަދި އަމުރަށް ކިޔަމަންތެރި ހަށިހެޔޮ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ހިންގާ ކޯހެކެވެ.



