މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއްގައި ދޯންޏަކުން ޖެހި ހިނގި ނުރައްކާތެރި ކަނޑުމަތީގެ އެކްސިޑެންޓަށްފަހު ފިލައިގެން ދިޔަ ދޯނި އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ މަހުގެ 9 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ދޯނި ޖެހުމުގެ ސަބަބުން "ލީޖަން 1" ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި މި އެކްސިޑެންޓުގައި ލޯންޗުން ދަތުރުކުރި ޖުމްލަ 6 ފިރިހެނުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 4 ބިދޭސީންނެވެ. އަނިޔާވި މީހުންނަށް ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ.
އެކްސިޑެންޓަށްފަހު އެ އުޅަނދު މަޑުނުކޮށް ގޮސްފައިވާތީ، މައްސަލައިގެ ތަހުގީގު ފެށި ހިސާބުން ފެށިގެން އެ ދޯނި ހޯދުމުގެ އޮޕަރޭޝަނެއް ފުލުހުން ދަނީ ހިންގަމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، މިއަދާ ހަމައަށްވެސް އެ ދޯނި ފެނިފައި ނުވިނަމަވެސް، ތަހުގީގުގެ ތެރެއިން އެ އުޅަނދު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.
މިހާދިސާއަށް 24 ދުވަސް ވެފައިވާވާއިރު އަދިވެސް ފުލުހުން ދަނީ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.



