"މަދިރިން ރައްކާ" ޕްރޮގްރާމުގެ ދަށުން ހުޅުމާލެ ފޮގު ކުރުމާއެކު ސާފުކުރުމުގެ ހަރަކާތެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންގޮސްފިއެވެ.
މުޖުތަމައުގެ ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރާއި، އެ ކުންފުނީގެ މުވައްޒަފުންގެ އިތުރުން މޯޕާ ފަދަ ޖަމިއްޔާތައް ހިމެނޭހެން ގާތްގަނޑަކަށް 150 މީހުން ބައިވެރިވިއެވެ. މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ 155 ވަނަ ފްލެޓާއި 163 ވަނަ ފްލެޓާ ދެމެދު އޮތް ސަރަހައްދު ވަނީ ސާފުކޮށްފައެވެ.
އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، ތިމާވެށި ރައްކާތެރިކުރުމުގެ ޒިންމާ އަށަގެންނެވުމަށް ކޮންމެ ހޮނިހިރު ދުވަހަކުވެސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.
އަދި މިއަހަރުގެ ޖެނުއަރީން ފެށިގެން ޖުލައިގެ ނިޔަލަށް ހުޅުމާލެ ފޭސް 1 އަދި 2 ގައި ތާވަލުކުރެވިގެންނާއި އާންމުންގެ ޝަކުވާތަކަށް ބަލައިގެން ފޮގުކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާއިރު، ވޭތުވެދިޔަ 3 މަހު ކޮންމެ މަހަކު އެއްފަހަރު މުޅި ހުޅުމާލެ ވަނީ ފޮގުކޮށްފައެވެ. މީގެއިތުރުން ބަސް ހުއްޓިތަކުގެ ފުރާޅުތަކުގައި ޖަމާވެފައިހުރި ފެނާއި ކުނި ސާފުކުރުން ފަދަ މަދިރި އާލާވުން ހުއްޓުވުމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.



