ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި 11 އަހަރު ހޭދަކުރެއްވުމަށްފަހު އިސްމާއިލް ރަޝީދު މިއަދު އެ މަގާމުން ރިޓަޔާ ކުރައްވައިފިއެވެ.
އޭނާ ރިޓަޔާ ކުރެއްވުމާ ގުޅިގެން ދިރާގުގެ ސީއީއޯގެ މަގާމާ މިއަދު ހަވާލުވެވަޑައިގަތީ ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ވަލްޑެމާ ފެރަޑާޒްއެވެ. އޭނާއަކީ ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސާވިސަސް ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. މިއީ އެ ކުންފުނީގެ މައި ހިއްސާދާރު ބިޔޮން އިން، ދިރާގު ބޯޑުގެ ކޮމިޓީގެ ބެލުމުގެ ދަށުން އައްޔަންކުރި މަގާމެކެވެ.
އިސްމާއީލް ރަޝީދަކީ 1988 ވަނަ އަހަރު ދިރާގު އުފެދުނީއްސުރެ އެ ކުންފުނީގައި 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގައި ޖީއެސްއެމް ޚިދުމަތް ތައާރަފްކުރުމާއި، ނެޓްވޯކް ފުޅާކުރުމާއި، 2006 ގެ ދިރާގު-އެސްއެލްޓީ ސަބްމެރީން ކޭބަލްގެ އިތުރުން އެތެރޭގެ ސަބްމެރިން ކޭބަލްތައް އަޅައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމްކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. މީގެއިތުރުން 2011 ގެ އައިޕީއޯ މާކެޓްކޮށް މެނޭޖްކުރުމުގައި އިސްކޮށް އުޅުއްވުމަށްފަހު، 2015 ގައި ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެން ކުންފުންޏަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްދެއްވާފައެވެ.
މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން ލިންކްޑްއިންގައި ކުރެއްވި ޕޯސްޓެއްގައި އިސްމާއިލް ވަނީ ދިރާގުގެ މުވައްޒަފުންނާއި އެހީތެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިރާގަކީ ރާއްޖޭގެ ހުރިހާ ރަށަކާއި ރިސޯޓަކާއި ގޭބީސީތަކަށް ޚިދުމަތް ދެމުންދާ، މި ދާއިރާގެ އެންމެ ކުރީގައި އޮތް ކުންފުނިކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.



