މިހާތަނަށް ސިއްޙީ ވުޒާރާ ހިންގަމުން އަންނަ ރޯޝަނީ ބިލްޑިންގުން ޚިދުމަތް ދެމުން އައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުރިހާ ޚިދުމަތްތަކެއް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަލަށް ތަރައްގީކޮށްފައިވާ މެންހެޓަން ގްރޭންޑް ހޮޓެލްސް އިމާރާތަށް ބަދަލުކޮށްފިއެވެ.
ފވެމްކޯ ސައިޓާ ޖެހިގެން މީޑިއާ ވިލެޖުވެސް ތަރައްގީކުރަމުންދާ އެ އިމާރާތަށް ޚިދުމަތްތައް ބަދަލުކުރި ފުރަތަމަ އިދާރާއަކީ އެޗްޕީއޭއެވެ. އެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި މާދަމާއިން ފެށިގެން ހުރިހާ ޚިދުމަތެއްވެސް ދެމުންދާނީ އެ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ހުޅުވާފައިވާ ކައުންޓަރުންނެވެ.
އެޗްޕީއޭއަކީ ރާއްޖޭގެ އާބާދީގެ ގިންތިތަކުގެ ސިއްޙަތު ރައްކާތެރިކުރުމަށް ބޭނުންވާ ޚިދުމަތްތައް ރާވައި ހިންގުމާއި، އާންމު ސިއްޙަތު ރައްކާތެރިކުރުމުގައި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދޭ އިދާރާއެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާގުޅޭ މާހިރުންގެ އެހީއާއެކު އާންމު ސިއްޙަތުގެ ތަފާތު ޕްރޮގްރާމްތައް ރޭވުމާއި ހިންގުމުގެ މަސައްކަތްވެސް އެ އިދާރާއިން އަންނަނީ ކުރަމުންނެވެ.




