ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަނިކޮށް ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލި ކޮޅުވެއްޓިން (އެލްސީވީ) ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، ނަމަވެސް މިހާތަނަށް އެ މީހުން ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު 08:48 އެހާކަންހާއިރު ދިޔަވެ އަޑިއަށްދިޔަ މި ކޮޅުވެއްޓީގައި ޖުމްލަ 10 މީހުން ތިބިއިރު، އޭގެ ތެރެއިން 8 މީހުން ވަނީ ސަލާމަތްކޮށް ގާފަރަށް ގެންގޮސްފައެވެ. ގާފަރު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި ސަލާމަތްވި މީހުން ގައިގެ ބައެއް ތަންތަން މަށައިގެން ދިއުން ފަދަ ކުދި އަނިޔާތައް ލިބިފައިވީ ނަމަވެސް އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.
ގެއްލުނު ދެ މީހުން ހޯދުމަށްޓަކައި ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލަމުންދާއިރު، މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.



