މިދިޔަ ހަފުތާގައި ސްކޭމްގެ 33 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށާއި، މީގެ ތެރެއިން 72,000 އަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އެ މުއްދަތުގައި ހުށަހެޅުނު މައްސަލަތަކުގައި ޖުމްލަ 184,235 ރުފިޔާ ގެއްލިފައިވާއިރު، ފުލުހުންގެ މަސައްކަތުން ވަނީ 72,073 ރުފިޔާ ކާމިޔާބުކަމާއެކު އަނބުރާ ހޯދައިދީފައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ 90 އިންސައްތައަކީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ މައްސަލަތަކެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އީ-ކޮމާސްގެ 16 މައްސަލައެވެ. މީގެ އިތުރުން ބުކިން ކެންސަލޭޝަން ރިފަންޑްގެ 7 މައްސަލައާއި، ފައިސާ މާރުކުރުމުގެ 4 މައްސަލައާއި، އެހެން މީހަކަށް ވެގެން އޮޅުވާލުމުގެ 1 މައްސަލައިގެ އިތުރުން އެހެނިހެން 5 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
ޚާއްސަކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހޮޓަލާއި އެޕާޓްމަންޓް ބުކިންގ ހެދުމަށްފަހު ފޭކު ސްލިޕް ފޮނުވައި، ކުއްލިއަކަށް ބުކިންގ ކެންސަލްކޮށް ފައިސާ އަނބުރާ ހޯދަން އެދޭ "ބުކިންގ ކެންސަލް ރިފަންޑް" ސްކޭމްތައް އިތުރުވަމުންދާތީ، ސްލިޕަށް އެކަނި އިތުބާރު ނުކޮށް އެކައުންޓަށް ފައިސާ ވަދެފައިވާކަން ބޭންކިންގ އެޕުން ޔަގީންކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑީޕް ފޭކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ މަކަރާއި ހީލަތަށް ސަމާލުވުމަށާއި، ޝައްކުކުރެވޭ ލިންކުތަކަށް ނުފިތުމުގެ އިތުރުން އޯޓީޕީ ފަދަ ސިއްރު މައުލޫމާތު ހިއްސާނުކުރުމަށް ފުލުހުން އިރުޝާދުދެއެވެ. ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް 125 އަށް ގުޅައި ރިޕޯޓްކުރުމަށްވެސް ވަނީ އެދިފައެވެ.




