ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި ޕީއެންއެފުން ދައުލަތުގެ އެންމެ ފައިސާ ފޮއްޗެއްވެސް ބޭނުންނުކުރާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެ ޕާޓީ ހިންގާނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އެހެން ޕާޓީތަކަށް ދައުލަތުން ފައިސާ ލިބުމުން ނުވަތަ މެންބަރުން އިތުރުވުމުން ޕީއެންއެފުން ކަންބޮޑުނުވާ ކަމަށެވެ.
ދައުލަތް ޒިންމާދާރުކުރުމުގެ މަސައްކަތް ކުރަމުންއަންނަނީ ޕީއެންއެފާއި ޗެނަލް 13 އިން ކަމަށް ފާހަގަކުރައްވައި، ޔާމީން ވަނީ ސަރުކާރުން މީޑިއާތަކަށް ފައިސާ ދެނީ ސަރުކާރުން އަޑުއަހަން ބޭނުންވާ ވާހަކަތައް ދައްކާ މީޑިއާތަކަށް އެކަނި ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ޗެނަލް 13 އަށް ސަރުކާރުން ފައިސާ ނުދިނީ ސަރުކާރަށް އަޑުއަހަން ނުކެރޭ ހަގީގަތްތައް ހާމަކުރާތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުން ފައިސާ ނުލިބުނަސް ދައުލަތް އެންމެ ބޮޑަށް ޖަވާބުދާރީކުރުވާ ޕާޓީއަކީ ޕީއެންއެފް ކަމަށް ޔާމީން ވިދާޅުވެފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. ޕީއެންއެފްއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައީސް ޔާމީންގެ ގުޅުން ގޯސްވުމަށްފަހު، އޭޕްރިލް 5، 2024 ގައި ރެޖިސްޓްރީކުރި ޕާޓީއެކެވެ.



