ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރެއްގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި، އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ. މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް އެ އޮފީހުގެ އިއުލާނުގައި ފާހަގަކުރައްވާފައިވެއެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ އަންނަ އޮގަސްޓު މަހުގެ 10 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ. ޖުމްލަ 5 މެންބަރުން ތިއްބަވާ އެޗްއާރުސީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މަގާމުގައި އެންމެ ދުވަސްވީ މެންބަރަކީ 3 އޮކްޓޫބަރު 2021 ގައި އެ ކޮމިޝަނަށް އައްޔަންކުރެވުނު ސަމާއު އަހުމަދު ނަޖީބެވެ.




