ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަފުތާ ބަންދުގައި މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
ކޯސްޓްގާޑުން ވަނީ ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ އިދާރާތަކަށް އެންގުމަށާއި، އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމު އަދި ދިޔަހިއްކާ ޕަންޕު ފަދަ ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިތޯއާއި އެތަކެތި މަސައްކަތްކުރޭތޯ ޗެކްކުރުމަށް އެދިފައެވެ. މީގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުގައި ރައްކާތެރިކަމާއެކު މުދާ ލައިސަންލުމަށާއި، ތަކެއްޗާއި މީހުން އުފުލުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރުނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށާއި، ޑައިވިންގ އާއި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުންވެސް ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ.
ފުލުހުންގެ ހިދުމަތުންވެސް ވަނީ ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޒަރޫރީ ބޭނުންތަކަށް މެނުވީ ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، މޫސުމީ ސަމާލުތަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.




