ދިވެހި ފުލުހުންގެ ހިދުމަތުގެ ގާބިލުކަން އިތުރުކުރުމަށާއި، އޮޕަރޭޝަނަލް ރެޑިނަސް ހަރުދަނާކުރުމަށްޓަކައި ޗައިނާއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އިސް މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ސިއަންހުއާއެކު މިއަދު ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި އެކި ދާއިރާތަކުން ފޯރުކޮށްދެމުންދާ އެއްބާރުލުން ފާހަގަކުރައްވައި، ދިވެހި ފުލުހުންގެ ހިދުމަތް ކުރިއަރުވައި ތަރައްގީކުރުމަށް ޗައިނާ ސަރުކާރުން ދެމުންދާ އެހީތެރިކަމަށްޓަކައި ކޮމިޝަނަރު އަހްމަދު ވަނީ ޗައިނާގެ ސަފީރަށް ޝުކުރު އަދާކުރައްވާފައެވެ.



