ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ދ. ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
އާރްޑީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ ދަށުން މިވަގުތު ސައިޓުގައި ކުރިއަށްދަނީ ރަށުގެ ބޮޑުބުރު ސަރަހައްދުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި، ދުވާރު (ސައިޑްވޯކް) އެކުލަވާލުމަށް ބޭނުންވާ ބެކް ފިލިންގގެ މުހިންމު މަސައްކަތްތަކެވެ.
މިއީ ކުޑަހުވަދޫގެ މަގުތައް ތާރުއަޅައިގެން ތަރައްގީކުރުމަށް ހިންގާ 122.8 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ކުޑަހުވަދޫގެ 5.85 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށްދަނީ ބޮޑުބުރުގައި ކާރބް ސްޓޯން ޖެހުމާއި ސައިޑް ވޯކް ބެކް ފިލިންގގެ މަސައްކަތް.#TeamRDC pic.twitter.com/mySdgx6V7d
— Road Development Corporation Ltd (@rdcmaldives) July 28, 2026
މަގުތަކުގައި ތާރުއެޅުމުގެ އިތުރުން، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ޒަމާނީ ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، ދުވާރުގައި ގަސްއިންދާ ވަޅުގަނޑުތައް ހެދުމުގެ އިތުރުން، ނެޓްވޯކް އަދި ޔޫޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި މަގުމަތީގެ ނިޝާންތައް ހަރުކުރުންވެސް މި މަޝްރޫއުގެ ނިޔަލަށް ނިމިގެންދާނެއެވެ.
އާރްޑީސީން ބުނެފައިވަނީ މި މަޝްރޫއު ނިމިގެންދާއިރު ކުޑަހުވަދޫގެ މަގުތަކަށް ބޮޑު ބަދަލެއް އައިސް، ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.



