އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކުރާ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ، މި މަޝްރޫޢުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ފުރާޅު އެޅުމަށްޓަކައި ކުރަންޖެހޭ ގިއުގަނޑުގެ މަސައްކަތްތަކާއި، ކޮންކްރީޓް ވަރުގަދަކުރުމަށް ކުރެވޭ ރީއިންފޯސްމެންޓްގެ މުހިންމު މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢަކީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އިސްނެގުމުގެ މަތިން، ދެކުނުގެ އަތޮޅުތަކަށް ދިމާވާ ކާރިސާތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. ޖުމްލަ 17،590 މީހުންގެ އާބާދީއެއް އޮންނަ، އަދި އައްޑޫ ސިޓީގެ ވެރިކަން ކުރާ ރަށް ކަމަށްވާ ހިތަދޫގައި މިފަދަ އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކުރުމަކީ، ގުދުރަތީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ދިމާވާ ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި، އައްޑޫ ސިޓީގެ އިތުރުން މުޅި ދެކުނުގެ ސަރަހައްދަށްވެސް އަވަސްކަމާއެކު ލުއިފަސޭހައިން އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދާނެ ބޮޑު ބާރެކެވެ.
ޖުމްލަ 6.50 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 300 ދުވާލުގެ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން، 4،338 އަކަފޫޓުގެ ބިންބޮޑު ސަރަހައްދެއްގައި ދެ ފަންގިފިލާގެ ޒަމާނީ އިމާރާތެއް ބިނާކުރެވޭނެއެވެ. މީގެއިން ކޮންމެ ފަންގިފިލާއެއްގައި 2،368 އަކަފޫޓު ހުންނާނެއެވެ. މި އިމާރާތް ފަރުމާކުރެވިފައިވަނީ ކާރިސާތަކުގެ ވަގުތުގައި ކޯޑިނޭޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރުމަށާއި، އިމަޖެންސީ ރެސްޕޯންސް ޓީމުތަކުން ހަރަކާތްތެރިވުމަށް ބޭނުންވާނެ އެންމެހައި ވަސީލަތްތަކާއި ޖާގަ އެކުލެވޭ ގޮތުގައެވެ.
އެމްޓީސީސީން އިތުރަށް ފާހަގަކުރި ގޮތުގައި، މި ސެންޓަރުގެ މަސައްކަތް މުޅިން ނިމި ބޭނުންކުރަން ފެށުމުން، ސަރަހައްދީ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވުމާއި، ހާދިސާތައް މެނޭޖްކުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި މިއީ އައްޑޫ ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީގެ މުހިންމު ފިޔަވަޅެކެވެ.



