ބަނގުރާ ވިއްކައި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ހައްޔަރުކުރި އިންޑިއާ މީހެއްގެ ބަންދުގެ މުއްދަތަށް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ދިނެޝް ކުރާމު މުރުގޭސަންއެވެ.
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ ނިމުނު ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގެ ދިއްގާމަގުން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހުގައެވެ. އެ ވަގުތު އޭނާގެ އަތުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 18 ފުޅި ފެނިފައިވެއެވެ. އަދި ތަހުގީގުގެ ތެރެއިން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އިތުރު 53 ފުޅި ފެނި، މި އޮޕަރޭޝަނުގައި ޖުމްލަ 71 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން އޭނާ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ދިން 3 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން، އިއްޔެ އަލުން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ދީފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ ފިލާފާނެ ކަމަށް ބެލެވޭތީއާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީއެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، ފަހަކަށް އައިސް ރާއްޖޭގައި ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ދައުލަތުންނާއި ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގައި، މިފަދަ މައްސަލަތަކުގައި ހިމެނޭ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށް ބްލެކްލިސްޓް ކުރަމުންނެވެ.




