ކ. މާފުށީ ކައިރީގައި މީހަކާއެކު އެރުވި ފެރަސެއިލިން ވައިކުޑައެއް ގަދަ ވަޔާއެކު ފަޅައިގެންގޮސް ނުރައްކާތެރި ހާދިސާއެއް މިއަދު ހެނދުނު ހިނގައިފިއެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ ވަނީ ސަލާމަތްވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ވައިކުޑަ ފަޅައިގެން ގޮސް ވެއްޓި އެޅުނީ މާފުއްޓާއި ކުޑަމާފުއްޓާ ދެމެދު އަޅާފައިވާ ޒިޕްލައިނުގައެވެ. ހާދިސާ ހިނގި ވަގުތު ވައިކުޑައިގައި އިން މީހާ މޫދަށް ފުންމާލި އިރު، އޭނާ ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުގައި އޮތް ޖެޓްސްކީއެއްގައި ތިބި ބަޔެކެވެ. ހާދިސާ ހިނގި އިރު ވައިކުޑަ އޮތީ ސީދާ މޫދާ ދިމާލު ނުހަނު ތިރީގައެވެ.
މި ހާދިސާ ހިނގާފައިވަނީ ރާއްޖެއަށް މޫސުން ގޯސްވެ، ހުޅަނގުގެ ވައި ގަޑިއަކު 30 މޭލަށް ބާރުވެފައިވާ ދުވަސްވަރެއްގައެވެ. ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މުޅި ރާއްޖެއަށް އެލާޓް ނެރެފައެވެ.



