ދިވެހިރާއްޖޭގެ ޒުވާނުންނާއި އަންހެނުން ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބާރުވެރިކުރުވައި، ޤައުމީ ފެންވަރުގައި ނެގެވޭ މުހިންމު ނިންމުންތަކުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އިންތިޚާބީ މެންބަރުން ތިއްބަވާ "ޒުވާނުންގެ މަޖިލިސް" (ޔޫތު ޕާލަމަންޓް) އެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ މުޅި އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައެއް ހިއްސާކުރަނީ ޒުވާނުންނާއި އަންހެނުން ކަމަށްވާއިރު، ޤައުމު ހިންގުމުގެ ނިޒާމުގައި އެފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން ލިބުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، ދައުލަތުގެ މިނިވަންކަން ތާއަބަދަށް ދެމެހެއްޓުމަށްޓަކައި ކޮންމެހެން އިސްކަންދޭންޖެހޭ ކަމެއް ކަމަށެވެ.
މި ސިޔާސަތު ޢަމަލީ ގޮތުން ތަންފީޒުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތަކެއް ހިމެނޭހެން ޒުވާނުންގެ ތެރެއިން އިންތިޚާބުކުރެވޭ މެންބަރުންގެ މައްޗަށް އެކުލެވޭ ޒުވާނުންގެ މަޖިލީހެއް އުފެއްދެވުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ގޮނޑިތަކުގެ ތެރެއިން ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށްޓަކައި ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ކުރިއަށް އޮތް ތަނުގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.



