ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި މަރުކަޒަކީ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަސައްކަތްތައް މައިގަނޑުކޮށް ވިލަރެސްކުރާ އިދާރާއެވެ. ޖަޕާނު ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ބިނާކުރި މި އިމާރާތުގެ މަސައްކަތް ކުރިއަށްގެންދިޔައީ ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކުގައެވެ. އަދި ސެންޓަރަށް ބޭނުންވާ ޒަމާނީ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދީފައިވަނީ އޮސްޓްރޭލިޔާ ސަރުކާރުންނެވެ.
މި އިމާރާތުގެ ބިންގާ 23 ޖޫން 2022 ގައި އެޅި ނަމަވެސް، މަސައްކަތް މަޑުޖެހިފައިވަނިކޮށް އަވަސްކޮށް ނިންމުމަށް ޚާއްޞަ އިސްކަމެއް ދެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ކޯސްޓްގާޑުގެ ޤާބިލުކަން އިތުރުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހާސިލުކުރެވުނު މުހިންމު ކުރިއެރުމެކެވެ. އައު އިމާރާތުގައި ކަނޑާއި ވައިގެ ހާދިސާތައް ބެލެހެއްޓުމަށް ޒަމާނީ އޮޕަރޭޝަންސް ރޫމެއްގެ އިތުރުން، އިންސާނީ ވަސީލަތް ތަރައްޤީކޮށް ތަމްރީނުތައް ހިންގުމަށް ޚާއްޞަ ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ވަނީ ޤާއިމުކޮށްފައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ "ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް" (ޖީއެމްޑީއެސްއެސް) ނަމުގައި 2006 ގައި ފެށި މި ޚިދުމަތް، "މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު" ގެ ނަމަށް ބަދަލުކުރެވުނީ 27 ޖުލައި 2012 ގައެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި ފާއިތުވި 10 އަހަރުގެ ތެރޭގައި އެމްއާރުސީސީއަށް 3,713 ހާދިސާއެއް ރިޕޯޓްކޮށްފައިވާއިރު، 8,359 މީހުންގެ ފުރާނައާއި އުޅަނދުފަހަރު ސަލާމަތްކުރުމުގެ ކާމިޔާބު އޮޕަރޭޝަންތައް ވަނީ ހިންގާފައެވެ. މި އައު އިމާރާތާއެކު ރާއްޖޭގެ ކަނޑުމަތީގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެއެވެ.



