ހުޅުމާލޭގައި އަޅަން ނިންމާފައިވާ ފުޓްސަލް އިންޑޯ އެރީނާއަކީ މަތިމައްޗަށް ފުޓްސަލް ދަނޑުތައް އޮންނަ ގޮތަށް ބިނާކުރާ އިމާރާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މި މަސައްކަތަށް ބިން ހަވާލުކޮށްފައިވާއިރު، ލަސްވެގެން 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް މި ތަން ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި އިއުލާނުކުރި މި ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ގްރައުންޑް ފްލޯގެ އިތުރުން ދެ ފްލޯ ހިމެނޭ ގޮތަށެވެ. އެގޮތުން ގްރައުންޑް ފްލޯ ބައިނަލްއަގުވާމީ ފީފާ މިންގަނޑުގެ މެޗުތަކަށް ޚާއްސަކުރާއިރު، މަތީ ދެ ފްލޯގައި ތަމްރީނުތަކަށް ޚާއްސަ 4 ޕިޗު ގާއިމުކުރާނެއެވެ. މީގެއިތުރުން ކުޅުންތެރިންގެ ކްލާސްރޫމްތަކާއި، ފަސްޓްއެއިޑް ރޫމް، ޓެކްނިކަލް ރޫމްތަކުގެ އިތުރުން ކެފެޓީރިއާއެއްވެސް މި އިމާރާތުގައި ހިމެނެއެވެ.
މީގެ އިތުރުން، ފުޓްސަލް ކޮމްޕްލެކްސްއެކޭ އެއްފަދައިން ނެޓްބޯލް ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް ބޭނުންވާ ބިން ހަމަޖައްސައި، ފައިސާ ދޫކޮށްފައިވާ ކަމަށާއި، އެ ތަންވެސް 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ނިންމާލެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.



