ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތް ނިންމައި، އެ ސަރަޙައްދު އާންމުންނަށް ހުޅުވާލައިފިއެވެ. އެމްޓީސީސީން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން، ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރު އަޅާފައެވެ.
މި މަޝްރޫޢުގެ ދަށުން މަގު ފެހިކުރުމަށްޓަކައި ދިވެހި ރުއް ހިމެނޭހެން 3,100 އަށްވުރެ ގިނަ ގަސް އިންދާފައިވާއިރު، އަލަށް ތަރައްޤީކުރި ސަރަޙައްދުގައި ޕާކުކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ވަނީ ތަރައްޤީކޮށްފައެވެ. މަގު އާންމުންނަށް ހުޅުވާލި ނަމަވެސް، އެއްގަމު ތޮށީގެ ސިޑިތަކުގައި ރެއިލިންގ ހަރުކުރުން ފަދަ ކުދިކުދި ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެއެވެ.



