ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި، އެ ބޭސް ލިބެން ހުންނަ ފާމަސީތަކާއި އަގުތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލައިލެވޭނެ ޚާއްޞަ ޕޯޓަލްއެއް އަންނަ ސެޕްޓެމްބަރު މަހު އިފްތިތާޙު ކުރާނެ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ބުނެފިއެވެ. މިއީ ބޭސް ލިބުމުގައި އާންމުން އުފުލަމުންދާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، ބޭސް ލިބުމުގެ ދަތިކަމަށް މުޅި ޖުމްލަ ހައްލެއް ލިބޭނީ ރާއްޖެއަށް ބޭނުންވާ ބޭހުގެ މައުލޫމާތު ދުރާލާ ދެނެގަނެވިގެން ކަމަށެވެ. އެގޮތުން ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި އަދަދު ދެނެގަތުމަށްޓަކައި ޤާއިމުކުރާ އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމާއި އީ-ލޮޖިސްޓިކްސް ސިސްޓަމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި ސިސްޓަމާއެކު ކުރިއަށް އޮތް އަހަރު ރާއްޖެއަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ އަދަދަށް ކޮލިޓީ ރަނގަޅު ބޭސް އެތެރެކޮށް، ހުސްނުވެ ކޮންމެ ރައްޔިތަކަށްވެސް ބޭސް ލިބޭނެކަން ކަށަވަރު ކުރެވޭނެ ކަމަށް ޑރ. ޝާހް ވިދާޅުވިއެވެ. އަދި ދުރާލާ ބޭނުންވާ ބޭސް ދެނެގަނެވުމުން، ދިގުމުއްދަތަކަށް ރައްކާކުރެވޭ ބޭސްތައް ގެނެސް ރަށްރަށުގައި ރައްކާކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ.




