ޖުމްލަ 24 ދަޅު ބަނގުރަލާއެކު ހުޅުމާލެއިން 25 އަހަރުގެ ޒުވާނަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހމ. ހިޔާ 4-18-15، މާލެ، އަމާން އިބްރާހީމް އެވެ. އޭނާގެ މައްޗަށް ކުރަނީ ބަނގުރާ ބޭނުންކޮށް، އެ ތަކެތި ގެންގުޅެ، އަދި ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވައިދޭ ވެމްކޯ ބުރިޖު ދަށުން މިއަދު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 24 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. ފަހަކަށް އައިސް މާލެއެކޭ އެއްގޮތަށް ހުޅުމާލެއިންވެސް މަސްތުވާތަކެއްޗާއެކު ޒުވާނުން ހައްޔަރުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.



