ކ. ތުލުސްދޫގައި "އިސްރަށްވެހިންގެ ހިޔާވަހި" ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާޢީލެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ފަރާތްތަކަށް ބޭނުންވާ ސިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކާއެކު 100 މީހުންގެ ޖާގައިގެ އިމާރާތަކާއި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ތަރައްޤީކުރާނެއެވެ.
މި މަރުކަޒުގައި ސިއްޙީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދިނުމަށްޓަކައި މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް، ލައިބްރަރީ އަދި މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭނެއެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި "އޭޖްޑް ކެއަރ ސެންޓަރު" ތަކެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ތުލުސްދޫގެ އިތުރުން ށ. ފުނަދޫގެ ސެންޓަރުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އައްޑޫ ސިޓީ ފޭދޫގެ ސެންޓަރުގެ މަސައްކަތް ވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ލިޓަސް އޮޓޯ މޮބައިލްސްއާ ހަވާލުކޮށްފައެވެ.
މި މަޝްރޫޢުތަކުގެ މައިގަނޑު އަމާޒަކީ ދޮށީ އުމުރުގެ އާބާދީއަށް ބޭނުންވާ އިޖުތިމާޢީ ރައްކާތެރިކަމާއި ޚިދުމަތްތައް ފުޅާދާއިރާއެއްގައި ކަށަވަރުކޮށްދިނުމެވެ.




