ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތް ރައްކާތެރިކަމާއެކު، ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
މި ޤާނޫނުގެ މައިގަނޑު މަޤުޞަދަކީ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ އުސޫލުތައް ކަނޑައަޅައި، ޚިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމެވެ. އެގޮތުން ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ނިޒާމާބެހޭ ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ "އޯގަން ޓްރާންސްޕްލާންޓް ކައުންސިލް" އެއް އުފެއްދެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދޫކުރާނީ މި ޤާނޫނުގެ ދަށުން އުފައްދާ "އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އިންނެވެ.
މި ބިލު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 14 މެއި 2026 ގައެވެ. ނަމަވެސް ބިލު އަލުން ދިރާސާކުރުމަށް އެދިވަޑައިގެން 31 މެއި 2026 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އެއަށްފަހު މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އިތުރު އިޞްލާޙުތައް ގެނެސް، ދެވަނަ ފަހަރަށް މުޅި މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ 14 ޖުލައި 2026 ގައެވެ.
މި ބިލުގައި ޓްރާންސްޕްލާންޓް ކުރުމުގެ އިޖުރާތުތަކާއި މިންގަނޑުތަކުގެ އިތުރުން، ޤާނޫނާ ޚިލާފަށް ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ކުށާއި އަދަބުތައް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ސަރުކާރުގެ ގެޒެޓުގައި މި ބިލު ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުގައި މި ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ.




