މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގައި ލޭ އަޅައިދިނުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ފުރަތަމަ ފަހަރަށް ނިއުކްލިއިކް އެސިޑް ޓެސްޓިން (ނެޓް) ގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
މިއީ ރާއްޖޭގެ ލޭގެ ޚިދުމަތް ޒަމާނީ ފެންވަރަށް ގެންދިއުމުގައި ހާސިލުވި މުހިންމު ތާރީޚީ ކާމިޔާބީއެކެވެ.
ނެޓް ޓެކްނޮލޮޖީއަކީ ހަދިޔާކުރާ ލޭގައި ހުރެދާނެ ނުރައްކާތެރި ވައިރަސްތައް (އެޗްއައިވީ، ހެޕަޓައިޓިސް ބީ އަދި ސީ) ދެނެގަތުމަށް ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ އެންމެ އިތުބާރު ހުރި (ގޯލްޑް ސްޓޭންޑަޑް) މިންގަނޑެވެ. މީގެ ކުރިން ބޭނުންކުރި އެންޓިބޮޑީ ޓެސްޓުތަކާ ޚިލާފަށް، ސީދާ ވައިރަސްގެ ޑީއެންއޭ ނުވަތަ އާރުއެންއޭ ދެނެގަންނަ މި ޓެސްޓުގެ ސަބަބުން، ވައިރަސް ހަށިގަނޑަށް ވަންނަތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި "ވިންޑޯ ޕީރިއަޑް" ކުޑަކޮށް، ބަލި ހުރިކަން އަވަހަށް ކަށަވަރުކުރެވޭނެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ފާހަގަކުރެއްވި ގޮތުގައި، މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާއި "މޯލްޑިވްސް ތެލަސީމިއާ މާސްޓާ ޕްލޭން 2024-2034" ގެ އިސްތިރާޖީ އަމާޒުތައް ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ޚާއްޞަކޮށް، ގަވާއިދުން ލޭ އަޅަންޖެހޭ ތެލަސީމިއާ ކުދިންނަށް ލޭގެ ޒަރީއާއިން އިތުރު ބައްޔެއް ފޯރުމުގެ ނުރައްކާ ކުޑަވެ، ރައްކާތެރި ލޭ ލިބޭނެކަމުގެ ޔަގީންކަން މިކަމުން ބޮޑުވެގެންދާނެއެވެ.




