ހދ. ހަނިމާދޫ ބަނދަރުގައި އަޅާފައި އޮތް ލޯންޗެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، ދެ މީހަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 00:20 އެހައިކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އެ ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށެވެ.
މި ހާދިސާއާ ގުޅިގެން ފަޅުވެރިޔާއަށް ހަނިމާދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، ލޯންޗުގެ ކެޕްޓަނަށް ލިބުނު އަނިޔާތަކަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި އެންމެ ފުރަތަމަ ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އަދި އަލިފާނުގެ މި ހާދިސާގައި އެ ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި އަޅިއަށްވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައި ނުވި ނަމަވެސް، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.



