މިމަހުގެ 26ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލަށް އައު ޚިދުމަތްތަކެއް އިތުރުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުންދާތީ، އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލަށް މުޅިން އަލަށް ގިނަ ޚިދުމަތްތަކެއް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ނިންމުމަކާ ދިމާއަށް މިހާރު ވަނީ މިސްރާބު ޖަހާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އަލިއަޅުވާލައްވާފައިވާ މި އިޞްލާޙީ ބަދަލުތަކުގެ ދަށުން، ހުޅުމާލެ ހޮސްޕިޓަލުގައި ގޮހޮރާއި މައިބަދައިގެ ބަލިތަކަށް ޚާއްސަ އޯޕީޑީއަކާއި، ނާރުގެ ބަލިތަކަށް ޚާއްސަ ކްލިނިކެއްގެ އިތުރުން ޔޫރޮލޮޖީ، އީއީޖީ އަދި ގްލޮކޯމާއަށް ފަރުވާދޭނެ ޚާއްސަ ޚިދުމަތްތައް ޤާއިމުކުރެވޭނެއެވެ. ސީއީއޯ ޙަލީމް ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ގޮހޮރާއި މައިބަދައިގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް މާލޭގެ އައިޖީއެމްއެޗަށް ދާންޖެހުނު ދިމާވުމަށް މި ބަދަލާއެކު ނިމުމެއް އައިސް، ހުޅުމާލޭގެ ރައްޔިތުންނަށް އެތަނުންމެ މި ފަރުވާތައް ލިބިގެންދާނެއެވެ.

މީގެއިތުރުން، ލޭގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދާ "ގޯލްޑް ސްޓޭންޑާޑް" ޓެސްޓުތައް ފެށުމާއެކު، އެޗްއައިވީ ފަދަ ނުރައްކާތެރި ބަލިތައް ދެނެގަތުމަށް ކުރިން ނަގާ ދިގު މުއްދަތު ކުރުވެ، އަވަސް ނަތީޖާއެއް ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ. ހަމައެއާއެކު، އެ ހޮސްޕިޓަލުން މިހާރު ފޯރުކޮށްދެމުންދާ ކެންސަރު ބަލީގެ ފަރުވާގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ސީއީއޯ ވަނީ ހާމަކުރައްވާފައެވެ.
ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ހޯދައިދެވިފައިވާއިރު، 4 އޮޕަރޭޓިންގ ރޫމް ހިމެނޭ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއަކާއި، 10 އެނދުގެ އައިސީޔޫއެއްގެ އިތުރުން ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދޭ 14 އެނދުގެ ނިއޮނޭޓަލް އައިސީޔޫ އާއި ޑައިލިސިސް ޔުނިޓެއް ވަނީ ތަރައްޤީކޮށްފައެވެ. އަދި ހޮސްޕިޓަލުގެ އެމެޖެންސީ ރޫމް ގެ އެނދުގެ އަދަދު 7 އިން 14 އަށް އިތުރުކުރެވިފައިވާތީ، މިއީ ހުޅުމާލޭގެ ސިއްޙީ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.



