އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ)" ގެ ދަށުން، ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމުގެ ފަހުމުނާމާގައި މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ސޮއިކުރެއްވި އިރު، އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މަޝްރޫއު ތަންފީޒުކުރާ އިދާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، މި ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަކީ ރަށްރަށުގެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ، ހަރަކާތްތެރި ދިރިއުޅުމަކަށް މަގުފަހިވެ، ފެންވަރު ރަނގަޅު ސިއްހީ އާދަކާދަތައް އަށަގަނެ، އަންހެނުން ބާރުވެރިކުރުވުމަށާއި އިޖުތިމާއީ ހަމަހަމަކަން ގާއިމުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، މި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަކީ އިޖުތިމާއީ ގުޅުން ބަދަހިކޮށްދީ، މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ މުހިންމު މަރުކަޒުތަކެއް ކަމަށެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާވެގެންދާނެއެވެ. ވާހަކަފުޅު ނިންމަވާލައްވަމުން ދެ ވަޒީރުންވެސް ވަނީ އިންޑިއާ ސަރުކާރުން ދިވެހި މުޖުތަމައުތަކުގެ ކުރިއެރުމަށް ދެއްވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.




