ހުޅުމާލޭގެ "ޚާންޖީ" ރެސްޓޯރެންޓުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ވެއިޓަރު މަރާލި މައްސަލާގައި، އެތަނުގެ ޕާކިސްތާނު ކައްކާ މުޙައްމަދު އާބިދު ގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިދިޔަ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި މި ޙުކުމް އިއްވެވީ މައްސަލަ ބެއްލެވި ގާޒީ އަޙްމަދު ޝާފިޢު އެވެ.
ޝަރީއަތުގައި އާބިދު ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އިންކާރުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ވެއިޓަރަށް ހަމަލާދެވުނީ ދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަމިއްލަ ނަފުސު ދިފާއުކުރަން އަތް ހޫރާލި ވަގުތުއެވެ. އަދި އޭރު އަތުގައި ވަޅިއެއް އޮތްކަން ނޭނގޭ ކަމަށާއި، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް އޭނާ ޝަރީއަތުގައި ބުންޏެވެ.
ނަމަވެސް ހެކިންގެ ހެކިބަހުން އެނގޭ ގޮތުގައި، ރެސްޓޯރެންޓް ތެރޭގައި ހިނގި ބަހުގެ ހަމަލާތަކަކަށް ފަހު، އާބިދު ވަނީ ރުޅިވެރިކަމާއެކު ވަޅިން ވެއިޓަރުގެ ހަށިގަނޑުގެ ތިން ތަނަކަށް ހަމަލާދީފައެވެ. މީގެކުރިންވެސް މި ދެމީހުންގެ މެދުގައި އެކި ފަހަރުމަތިން ދެބަސްވުންތައް ހިނގާފައިވާކަން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ބަހުން އެނގެއެވެ.
މި މައްސަލާގައި އާބިދުގެ ފަރާތުން ދިފާއީ އެއްވެސް ހެކިވެރިއަކު ހުށަހަޅާފައެއް ނުވެއެވެ. މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ، އާބިދު އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް ބުނި ނަމަވެސް، އޭނާ ހިންގި އަމަލަކީ އާންމުގޮތެއްގައި މީހެއްގެ ފުރާނަ ގޮސްދާނެ ފަދަ ނުރައްކާތެރި އަމަލެއް ކަމަށެވެ. އަދި އޭނާ ވަޅި ބޭނުންކޮށްގެން ހަމަލާދިންކަން ހެކިންގެ ހެކިބަހުން ސާފުކޮށް އެނގެން އޮތުމުން، އާބިދުގެ މައްޗަށް ކުރި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ގާޒީ ކަނޑައެޅުއްވިއެވެ.
ގަސްތުގައި މީހަކު މަރާލުމުގެ ކުށް އާބިދުގެ މައްޗަށް ސާބިތުވީ ނަމަވެސް، އޭނާއަށް އަދަބު ކަނޑައެޅުމުގެ ބައި ކުރިއަށްދާނީ މަރުވި ބަންގްލަދޭޝް ވެއިޓަރުގެ ގާނޫނީ ވާރިސުންގެ ބަސް (މާފުދިނުމާ ނުވަތަ ގިޞާޞް ހިފުމާ މެދު) ހޯދުމަށް ފަހުގައެވެ.



