ނ. ކެނދިކުޅުދޫގައި ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ޕާކު ތަރައްގީކުރުމުގެ މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލާފައިވާ ކަމަށް ރޯޑްޑިވެލެލޮޕްމަންޓް ކޯޕަރޭޝަން އާރުޑީސީއިން ބުނެފިއެވެ.
އާރުޑީސީއިން ބުނީ މި މަޝްރޫއަކީ ރަށުގެ ކުޑަކުދިންނާއި އާއިލާތަކަށް ހިތްފަސޭހަ އަދި ރައްކާތެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ރަށުގެ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ނ. ކެނދިކުޅުދޫގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ޤާއިމުކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް ވަނީ ނިންމާލެވިފައެވެ. #TeamRDC pic.twitter.com/5EgMoS24VZ
— Road Development Corporation Ltd (@rdcmaldives) July 17, 2026
މި ޕާކުގެ މަސައްކަތްތައް ނިމި، ހުޅުވުމަށް ތައްޔާރުވަމުންދާއިރު، މިއީ ކެނދިކުޅުދޫގެ ތަރައްގީއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. ޒަމާނީ ވަސީލަތްތަކާއި ކުޅޭ ސާމާނާއެކު ފަރުމާކޮށްފައިވާ މި ޕާކު ހުޅުވުމުން، ކުޑަކުދިންގެ ހެދިބޮޑުވުމަށާއި ކުޅިވަރުގެ ހަރަކާތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިފަދަ އިޖުތިމާއީ މައިޒާންތައް ގާއިމުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ކަމަށްވާއިރު، ކެނދިކުޅުދޫގެ މި މަޝްރޫއު ކާމިޔާބުކަމާއެކު ނިމިގެންދިޔުމަކީ އަތޮޅުތެރޭގެ ތަރައްގީއަށް ސަރުކާރުން ދޭ ސަމާލުކަން ހާމަކޮށްދޭ ކަމެކެވެ.




