ދިވެހިރާއްޖޭގެ އިގްތިސޯދީ އަދި އުމްރާނީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫއުތައް ހިންގުމުގައި ޗައިނާއަކީ އަބަދުވެސް ބަދަހި އަދި އިތުބާރު ކުރެވޭ ގައުމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް މަންފާކުރާ ކޮންމެ ކަމެއްގައި ދުނިޔޭގެ ހުރިހާ ގައުމަކާ އެކުވެސް ގާތް ގުޅުމެއް ބޭއްވުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާއި، އިގްތިސޯދީ ކުރިއެރުމާއި، ބޯހިޔާވަހިކަމުގެ ދާއިރާގައި ޗައިނާއަކީ ވަރަށް އެހީތެރި އަދި "ރިލަޔަބަލް ޕާޓްނަރެއް" ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް އަލިއަޅުވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިއީ އެއްވެސް ޒަމާނެއްގައި އެއްވެސް ސަރުކާރަކަށް މުޅިން ހައްލު ނުކުރެވި އޮތް ބޮޑު ތަކުލީފެކެވެ. އެހެންނަމަވެސް، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއާއެކު، ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވިއެވެ.
ޗައިނާ ސަރުކާރަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި، ދިވެހި ރައްޔިތުންނަށް ފައިދާވާ އިގްތިސޯދީ، ބޯހިޔާވަހިކަމުގެ އިތުރުން އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ގައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ޗައިނާ ސަރުކާރާއެކީގައި މިފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި އެ ގައުމަކީ ވަރަށް އިތުބާރު ކުރެވޭ ބައިވެރިއަކަށް ވާތީ، މި މަޝްރޫއުތަކުގައި ސަރުކާރުން ވަރަށް ގާތުން މަސައްކަތްކޮށް، ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
މާލޭގެ މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މިއަހަރުގެ ފަހުކޮޅު ޗައިނާގެ ކޮންޓްރެކްޓަރުން ރާއްޖެ އައިސް އަމަލީ މަސައްކަތް ފަށާނެ ކަމަށް ބެލެވޭ ކަމަށެވެ. މިހާރު ކުރިއަށް ދަނީ މަޝްރޫއު ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ އިދާރީ މަރުހަލާތައް ކަމަށާއި، މަސައްކަތް އެއްފަހަރު ފެށުމަށްފަހު އެއްވެސް މެދުކެނޑުމެއްނެތި ބާރުމިނުގައި ކުރިއަށްދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޗައިނާއަކީ ރާއްޖޭގެ އުމްރާނީ ބަދަލުތަކުގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވާތީ، އެ ގައުމާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ތަރައްގީގެ މިފަދަ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވިދާޅުވެ ރައީސް ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.



