ސިހުރުހާހޫރައަކީ މުޖުތަމަޢު ފުނޑުފުނޑުކޮށް، އާއިލާތަކުގެ މެދުގައި ބޮޑެތި ފިތުނަވެރިކަން އުފައްދާ ބޮޑުވެގެންވާ ފާފައަކަށް ވާއިރު، އެފަދަ ނުބައި ޢަމަލުތަކުން މުޅި މުޖުތަމަޢާއި އީމާންކަން ރައްކާތެރިކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިހުރު ހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ، އަދި އޭގެ ސަބަބުން މީހާ އިސްލާމްދީނުން ބޭރުވެގެންދާ ފަދަ ޝިރުކުގެ ޢަމަލެކެވެ. ސިހުރުވެރިއަކަށް ވެވެނީ ކޮންމެ ކަމެއްގައިމެ ޝައިޠާނާއަށް ކިޔަމަންވުމަށް އޭނާއާއެކު ޢަހުދުކަށަވަރު ހިފުމަށްފަހުގައެވެ. ޖިންނި ޝައިޠާނުންގެ އެހީތެރިކަން ހޯދައިގެން މެނުވީ ސިހުރުވެރިޔާއަށް އޭނާގެ ސިހުރު ފުރިހަމައެއް ނުކުރެވެއެވެ. އަދި ސިހުރު ނުހެދި ނަމަވެސް، އެ އުނގެނުމާއި އުނގަންނައިދިނުމަކީ ވެސް މާތް ﷲ ޙަރާމްކުރައްވާފައިވާ ކަމެކެވެ.
ބައްޔެއްވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިއެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ސުވާލުކުރުމާއި އެމީހުންގެ ބަސް ޤަބޫލުކުރުން ކީރިތި ރަސޫލާ ﷺ ވަނީ ނަހީކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ:
"ސިހުރުވެރިއެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފި ނަމަ، ސާޅީސް ދުވަސް ވާންދެން އޭނާގެ ނަމާދު ޤަބޫލެއް ނުކުރައްވާނެއެވެ."
ހަމައެއާއެކު، އެފަދަ މީހުން ބުނާ ބަސްތައް ތެދުކޮށް ޤަބޫލުކުރުމުގެ ނުރައްކާތެރިކަން ހާމަކުރައްވަމުން ޙަދީޘްކުރައްވާފައިވެއެވެ:
(مَنْ أَتَى عَرَّافًا أَوْ كَاهِنًا فَصَدَّقَهُ بِمَا يَقُوْلُ، فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ)
މާނައީ: "ކާހިނެއް ނުވަތަ ސިހުރުވެރިއެއްގެ ގާތަށް ގޮސް އޭނާ ބުނާ ބަސް ތެދުކޮށްފި މީހާ، މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް (އިސްލާމްދީނަށް) އޭނާ ކާފަރުވެއްޖެކަން ކަށަވަރެވެ."
ޚުޠުބާގައި އިތުރަށް ބަޔާންކޮށްފައިވަނީ ސިހުރުގެ ނުބައިކަމުން ރައްކާތެރިވުމަށްޓަކައި ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ރައްކާތެރިވުމަށާއި، ގޭތެރޭގައި ކީރިތި ޤުރްއާން ކިޔެވުމަށެވެ. އަދި ބަލިތަކަށް ފަރުވާކުރުމުގައި ޝަރުޢީ ރުޤުޔާ ބޭނުންކުރުމަށް ބާރުއަޅާފައިވެއެވެ. ޞައްޙަ ގޮތުގައި ރުޤުޔާކުރާ މީހުން މައިންބަފައިންގެ ނަމެއް ނާހާނެއެވެ. އަދި ގޮތްނޭނގޭ ފޮތިގަނޑުތަކާއި ސިއްރު ލިޔުންތައް ބޭނުންކުރުމާއި، ޣައިރުﷲ އަށް ކަތިލުން ފަދަ ދީނާ ޚިލާފު ކަންކަމަށް އެމީހުން ނޭދޭނެކަން ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
މިއަދުގެ ޚުޠުބާ ނިންމާލާފައިވަނީ ސިހުރުވެރިންގެ ނުބައިކަމުން ދިވެހި މުޖުތަމަޢު ރައްކާތެރިކޮށްދެއްވުމަށާއި، ޤައުމަށް އަމާންކަމާއި ތިޔާގިކަން މިންވަރުކުރެއްވުމަށް އެދި ދުޢާ ދަންނަވަމުންނެވެ.




