ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ބޭނުންކުރި އައިކޯނިކް ޖާޒީ ނިއު ޔޯކްގައި ބޭއްވި ސޮތަބީޒްގެ ނީލަމެއްގައި 4.9 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލައިފިއެވެ. މިއީ ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް ދެވަނައަށް އެންމެ އަގުބޮޑުކޮށް ވިކުނު ޖާޒީއެވެ.
މި ނޫކުލައިގެ 10 ނަންބަރު ޖާޒީއަކީ 1958 ވަނަ އަހަރު ސްވިޑަންގައި ބޭއްވި ވޯލްޑް ކަޕް ފައިނަލުގައި އުމުރުން އެންމެ 17 އަހަރުގެ ޕެލޭ ބޭނުންކުރި ޖާޒީއެވެ. އެ މެޗުގައި ސްވިޑަން އަތުން 5-2 އިން ބްރެޒިލް މޮޅުވެ، އެ ޤައުމުގެ ފުރަތަމަ ވޯލްޑް ކަޕް ތަށި ކާމިޔާބުކުރިއިރު ޕެލޭ ވަނީ ދެ ލަނޑު ޖަހާފައެވެ. އޭނާ އަދިވެސް ހިމެނެނީ ވޯލްޑް ކަޕް ފައިނަލެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައެވެ.
ސޮތަބީޒްއިން ހާމަކުރި ގޮތުގައި، މި ޖާޒީ ގަތުމަށް ފަސް ބިޑަރަކަށްވުރެ ގިނަ ފަރާތްތަކުން 10 އަށްވުރެ ގިނަ ފަހަރު އަގު ހުށަހެޅިއެވެ. އެންމެ ފަހުން ޖާޒީ ބައްލަވައިގަތީ ނަން ހާމަކުރަން ބޭނުންނުވާ ފަރާތެކެވެ. މީގެ ކުރިން 2004 ވަނަ އަހަރު މި ޖާޒީ ނީލަމެއްގައި ވިކުނީ އެންމެ 70,505 އިނގިރޭސި ޕައުންޑަށެވެ. ވުމާއެކު، މިއީ ކުޅިވަރުގެ ހަނދާނީ ތަކެތީގެ މާކެޓަށް އައިސްފައިވާ ބޮޑު ކުރިއެރުން ދައްކުވައިދޭ ކަމެކެވެ.
އަގުބޮޑު ޖާޒީތަކުގެ ތާރީހު:
ފުޓްބޯޅަ ތާރީޚުގައި އެންމެ އަގުބޮޑުކޮށް ވިކުނު ޖާޒީގެ ރެކޯޑު އަދިވެސް އޮތީ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އަތުގައެވެ. 1986 ގެ ވޯލްޑް ކަޕްގައި އިންގްލެންޑާ ދެކޮޅަށް "ހޭންޑް އޮފް ގޯޑް" ލަނޑު ޖެހި މެޗުގައި އޭނާލީ ޖާޒީ 2022 ވަނަ އަހަރު ވިކުނީ 9.3 މިލިއަން ޑޮލަރަށެވެ.
2022 ވަނަ އަހަރު އުމުރުން 82 އަހަރުގައި މަރުވި ޕެލޭއަކީ ތާރީޚުގައި 3 ވޯލްޑް ކަޕް (1958، 1962، 1970) ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ. މި ޖާޒީ ވެގެން ގޮސްފައިވަނީ މިހާތަނަށް ޕެލޭއާ ގުޅުންހުރި ތަކެތީގެ ތެރެއިން އެންމެ އަގުބޮޑުކޮށް ވިކުނު މުދަލަށެވެ.




