އަތޮޅުތެރޭގެ ރަށްރަށުގައި ބޭނުންކުރާ އެމްބިއުލާންސްތައް ބާވެ ހަލާކުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އިތުރު 17 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތައް ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ސިއްހީ ވުޒާރާގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެމްބިއުލާންސްތަކުގެ ތަޅުދަނޑިއާއި މެނުއަލްތައް ސިއްހީ މަރުކަޒުތަކާ ހަވާލުކޮށްދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ. މި ރަސްމިއްޔާތުގައި އެމްބިއުލާންސް ލިބުނު ރަށްތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހުރި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެމްބިއުލާންސްތައް ބަދަލުކުރުމުގެ މި ބޮޑު މަޝްރޫއު ކުރިއަށްގެންދަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްގެންނެވެ. ޖުމްލަ 36.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 31 އެމްބިއުލާންސް ހޯދުމަށް އެމްޕީއެލްއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ފުރަތަމަ ބުރުގެ ދަށުން މިއަހަރުގެ މާރިޗު މަހު ވަނީ 14 އެމްބިއުލާންސެއް ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކާ ހަވާލުކޮށްފައެވެ. އަދި މިއަދު ބާކީ ހުރި 17 އެމްބިއުލާންސް ހަވާލުކުރުމާއެކު، މި މަޝްރޫއުގެ ދަށުން ގެނައުމަށް ހަމަޖެހުނު ހުރިހާ އެމްބިއުލާންސްތަކެއް މިހާރު ވަނީ ރަށްރަށާ ހަވާލުކޮށް ނިމިފައެވެ.
މި އެމްބިއުލާންސްތަކަކީ އަތޮޅުތެރޭގެ ރަށްރަށުގެ ބާވެފައިވާ އެމްބިއުލާންސްތަކުގެ މައްސަލައަށް ހައްލެއް ހޯދައި، ސިއްހީ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ. މީގެ ސަބަބުން ރަށްރަށުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާވެ، ކުއްލި ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަަށް ވަޒީރު ވިދާޅުވިއެވެ.



