އައްޑޫ ސިޓީގެ ހަންކެޑެ ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށްޓަކައި "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ އައު ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް ހަންކެޑެ ތަރައްގީކޮށް، އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމެވެ. މީގެ އިތުރުން ފަތުރުވެރިކަމުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ ވެސް މި ކުންފުނީގެ މުހިންމު އަމާޒެކެވެ.
ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި ފަތުރުވެރިކަން އެދެވޭ މިންވަރަކަށް ކުރިއަށް ނުދާތީ ރައްޔިތުންގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ. ހަންކެޑެ ތަރައްގީކުރުމަށް އެކި ސަރުކާރުތަކުން ވައުދުވި ނަމަވެސް، އެ މަސައްކަތް މިހާތަނަށް އޮތީ އަމަލީ ގޮތުން ނުފެށި ހުއްޓިފައެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީކުރަން އިއުލާންކުރި ނަމަވެސް، އެ ސަރުކާރު ނިމުނުއިރު އެއްވެސް އަމަލީ މަސައްކަތެއް ކުރިއަކަށް ގެންގޮސްފައެއް ނުވެއެވެ.
މިހާރުގެ ސަރުކާރުން މިދިޔަ އަހަރުގެ ޖޫން މަހު ފުރަތަމަ ނިންމީ ހަންކެޑޭގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށެވެ. ނަމަވެސް އޭގެ ތިން މަސް ފަހުން އެ ނިންމުން ބަދަލުކޮށް، އަލުން އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ކުރިއަށްގެންދަން ޓޫރިޒަމް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
ސަރުކާރުން މި މަޝްރޫޢަށް ޚާއްސަކޮށް އައު ކުންފުންޏެއް އުފެއްދެވިއިރު، މިހާރު ހިންގާ ސަރުކާރު ކުންފުނިތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ބުރަތަކެއް ވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިފަދަ ކުންފުނިތައް އެކި ސަރުކާރުތަކުގައި ސިޔާސީ ބޭނުންތަކަށް ބޭނުންކުރާ ކަމުގެ ތުހުމަތުތައް އަބަދުވެސް އަމާޒުވެއެވެ.



