ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، މިއަދު ދަރިވަރުންނަށް ރިޕޯޓް ފޮތް ދިނުމާއެކު ސްކޫލް ބަންދުގެ ބޮޑު ޗުއްޓީ ފެށިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެއަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.
ގިނަ ބަޔަކު އަތޮޅުތެރެއަށާއި ރާއްޖޭން ބޭރަށް ދަތުރުތައް ރާވަމުންދާ މި ދަނޑިވަޅުގައި މެޓް އޮފީހުން ބުނީ، މި ހަފުތާ ބަންދުގެ އިތުރުން ކުރިއަށް އޮތް ހަފުތާގައި ވެސް ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އުތުރުގެ ބައެއް ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް އެ އިދާރާ އިން ފާހަގަކުރެއެވެ.
މެޓް އޮފީހުން މާދަމާ ހެނދުނާ ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ފުރަތަމަ ޓާމުގެ ބަންދަށްފަހު ސްކޫލްތަކުގެ ކިޔެވުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ ދެވަނަ ދުވަހުއެވެ.




