ރާއްޖެއަށް 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި އިންޑިއާގެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މަހުގެ 9 ވަނަ ދުވަހު އަތުލައިގަތް މި ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް އަރާއިރު، މިއީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) ގެ ބަންދުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ. ލަގެޖުގެ ފުލުގައި ސިއްރު ވަތްގަނޑެއް (ފޯލްސް ބޮޓަމް) ހަދައިގެން އެތެރެކުރި މި ތަކެއްޗާ ގުޅޭގޮތުން އެމީހުން ބުނެފައިވަނީ، މިއީ "ބާއީ" ކިޔާ މީހަކު ފައިސާ ދޭން ބުނެގެން ބަޔަކާ ހަވާލުކުރަން ގެނައި ތަކެތި ކަމަށެވެ.
އެ ދެ މީހުންގެ ތެރެއިން ކޮންމެ މީހެއްގެ ލަގެޖުން 4.166 ކިލޯގްރާމް ފެނިފައިވާއިރު، ތަހުލީލުތަކުން ދައްކާގޮތުގައި ޖުމްލަ 8.3 ކިލޯގްރާމް ހުރި މި ތަކެތި ވަނީ ޓެޓްރާހައިޑްރޯކެނެބިނޯލް އަދި ކެނެބިނޯލްއަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.
މި މައްސަލައިގައި ބިދޭސީންގެ އިތުރުން ތިން ދިވެހިންވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ އަހުމަދު އަފްރާހު އާއި ހަސަން ޝަމްއޫން އަދި އިލްޔާސް އަހުމަދުއެވެ. ފުރަތަމަ ފަސް މީހުންވެސް 15 ދުވަހަށް ބަންދުކުރި ނަމަވެސް، ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ދިވެހިން 10 ދުވަހަށް އަދި ބިދޭސީން 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއެވެ. އޭގެ ފަހުން މިދިޔަ މަހުގެ 25 ވަނަ ދުވަހު މި ތިން ދިވެހިންގެ ބަންދަށް ވަނީ އިތުރު 30 ދުވަސް ޖަހާފައެވެ.
ހައްޔަރުކުރި ދިވެހިންގެ ތެރެއިން އެމްޕީއެލްގެ ވަޒީފާގައި އުޅޭ އަހުމަދު އަފްރާހު ކޯޓުގައި ބުނެފައިވަނީ، އޭނާ އެތަނަށް ދިޔައީ ތަކެއްޗާ ހަވާލުވާންދިޔަ އޭނާގެ ރައްޓެހި އިލްޔާސް އަހުމަދާއެކު ކަމަށާއި، ފެނުނު މަސްތުވާތަކެއްޗާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ނަމަވެސް ހަސަން ޝަމްއޫން ވެސް ހިމެނޭގޮތަށް މި ތިން ދިވެހިންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ބިދޭސީން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެއްޗާ ހަވާލުވާން ގޮސް އުޅެނިކޮށެވެ.



