ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ފުރަތަމަ ފިޔަވަހީގައި ހިމެނޭ ފަސް ސެގްމެންޓުގައި ވެސް ތާރުއަޅާ ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެން ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި ފިޔަވަހީގެ ދަށުން ތަރައްޤީކުރަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮންނަ ބައިގައި މި މަހުގެ 8 ވަނަ ދުވަހު ތާރުއަޅާފައިވާއިރު، އެ ތަނުގައި މަގުގެ ނިޝާންތައް ކުރެހުމާއި، މަގު ބައްތި އަދި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ރޭ ތާރުއަޅާފައިވާއިރު، މިހާރު ކުރިއަށްދަނީ އެ ބައިގައި މަގުގެ ނިޝާންތައް ކުރެހުމާއި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަކީ ސަރުކާރުގެ އިދާރާތަކާއި، ބޭންކުތަކާއި، މާލޭގެ ބާޒާރުގެ އިތުރުން ގިނަ އަދަދެއްގެ އޮފީސްތައް ހުންނަ ކާރޫބާރު ބޮޑު ސަރަޙައްދަކަށް ވާތީ، ޓްރެފިކް މައްސަލައަށް ލުޔެއް ހޯދައިދިނުމަށް ބޭންކް އޮފް ސިލޯން ކުރިމަތީގައި 588 ސައިކަލަށް ޕާކުކުރެވޭނެ ޖާގަ ހިމެނޭ ޕާކިންގ ޒޯނެއް ހެދުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ. މީގެ އިތުރުން މިހާރު ކުރިއަށްދަނީ ޕާކިންގ ޒޯނު ތަރައްޤީކުރުމުގެ މަސައްކަތްތަކާއި ޕޭވްމަންޓްތައް ހެދުމުގެ މަސައްކަތްތަކެވެ.
މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ނިންމުމަށް އެންމެ ފުރަތަމަ ޖޫން މަހަށް އަމާޒުހިފި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް މިހާރު އެމްޓީސީސީން އަންދާޒާކުރަނީ މި މަހުގެ 26 ވަނަ ދުވަހަށެވެ.




