ރާއްޖޭގެ ޖަލުތަކުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި ޚާއްސަ ޖޮއިންޓް އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި ޖުލައި މަހުގެ 13 އާ ހަމައަށް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ، ހުޅުމާލެ، ކ. މާފުށި އަދި ކ. ހިންމަފުށީގެ ޖަލުތަކުގައެވެ.
ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތަކީ، ޖަލުތަކުގެ ސަލާމަތީ ނިޒާމު ވަރުގަދަކުރަން ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން މިހާތަނަށް ހިންގި އެންމެ ފުޅާ އަދި އެންމެ ކާމިޔާބު އެއް އޮޕަރޭޝަން ކަމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ ފާހަގަކޮށްފައެވެ. މި އޮޕަރޭޝަނުގައި އެސްއޯގެ ސްވަޓް ޓީމާއި، ކޭނައިން (ކުއްތާ) ޔުނިޓުގެ އިތުރުން މާލެއާއި ހުޅުމާލޭގެ ފުލުހުންނާއި، ޑްރަގް އެންފޯސްމަންޓް އަދި މެރިން ޕޮލިސް އަމަލީގޮތުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ފޮރެންސިކްސް، އިންޓެލިޖެންސް އަދި ކްރައިމް އިންވެސްޓިގޭޝަން ފަދަ މުހިންމު ޑިޕާޓްމަންޓުތަކުގެ އެހީތެރިކަންވެސް ވަނީ ލިބިފައެވެ.
އޮޕަރޭޝަން ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާޤު އާދަމްފުޅު ވިދާޅުވީ، ތިން ހަފުތާއަށް ދެމިގެންދިޔަ މި ބޮޑު ހަރަކާތުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުން ދެއްވި ފުރިހަމަ އެއްބާރުލުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރި މި މަސައްކަތުން އޮޕަރޭޝަނުން ބޭނުންވި ހެޔޮ ނަތީޖާ ފުރިހަމައަށް ހާސިލުކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.




