މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ވަނީ ހުޅުވާލާފައެވެ. ޚާއްސަ އިނާމާބެހޭ ކޮމިޓީން މައުލޫމާތު ދޭ ގޮތުގައި، މި އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓު މަހުގެ ނިޔަލަށެވެ.
މިއަހަރުވެސް މި ޚާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ދާއިރާއަކުން ނުވަތަ ގިންތިއަކުންނެވެ.
ފުރަތަމަ ގިންތިއަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯސްތަކުން ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދާ ފަރާތްތަކެވެ. މީގެ ތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 (ޕީއެޗްޑީ) ހާސިލުކޮށްފައިވާ ފަރާތްތަކާއި، ލެވެލް 7، 8 ނުވަތަ 9 ގެ ސަނަދެއް މަތީ ތައުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ނިންމައި، އެ މަރުކަޒަކުންދޭ އެންމެމަތީ ޝަރަފު ހާސިލުކޮށްފައިވާ ފަރާތްތައް ހިމެނެއެވެ.
ދެން ހިމެނޭ ތިން ގިންތިއަކީ:
-
ބައިނަލްއަގުވާމީ ކާމިޔާބީ: ރާއްޖެ ތަމްސީލުކޮށް ބައިނަލްއަގުވާމީ މައުރަޒެއް ނުވަތަ މުބާރާތަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.
-
އީޖާދާއި ދިރާސާ: ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމަށް އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފެއްދުން ނުވަތަ އިލްމީ ދިރާސާއެއް ކުރުން.
-
ޒުވާނުންގެ ހުނަރުވެރިކަން: ހުނަރުވެރި އަދި ފަންނުވެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރުން.
މުހިންމު ސަމާލުކަމެއް: އިނާމަށް ނަން ހުށަހަޅާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތައް ފުރިހަމަކުރުމަށް ޚާއްސަ އިނާމާބެހޭ ކޮމިޓީން އިލްތިމާސްކުރެއެވެ.
މިއަހަރު މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމު ހަވާލުކުރުން އޮންނާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.



