މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން މިދިޔަ މާރިޗު މަހުގެ 16 ވަނަ ދުވަހު ހަތަރު މިލިއަން ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައިގައި ތުހުމަތުވާ ފަސް މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި މި މައްސަލަ ކޯޓަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
މި ވައްކަމުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ މ. އޭސިޔާ އަޙްމަދު ފާރިސާއި، ހދ. ނޮޅިވަރަންފަރު ޖަޒީލު މުޙައްމަދާއި، ސ. މީދޫ މުޙައްމަދު އަފްރާޙްގެ އިތުރުން ރ. މަޑުއްވަރި އިސްމާޢީލް ޢާޞިފް އަދި ޅ. ނައިފަރު މުޙައްމަދު ނޫރު އަޙްމަދުގެ މައްޗަށެވެ.
މި ފަސް މީހުންގެ މައްޗަށްވެސް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ. މި ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މި މައްސަލައިގައި ހިމެނޭ އަޙްމަދު ފާރިސާއި، ޖަޒީލު މުޙައްމަދު އަދި މުޙައްމަދު ނޫރުގެ މައްޗަށް އިތުރު ދެ ދައުވާއެއް ވެސް ވަނީ އުފުލާފައެވެ. އެއީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާއާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާއެވެ. މި ދެ ދައުވާގެ ވެސް އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ވަގަށް ނެގި ޖުމުލަ ހަތަރު މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ އެންމެ 50،000 ރުފިޔާއެވެ. އެހެންކަމުން، ޕީޖީ އޮފީހުން ވަނީ ވަގަށް ނެގި ކަމަށް ތުހުމަތުވާ ބާކީ ފައިސާ، ބަދަލު ލިބޭ ފަރާތަށް އަނބުރާ ނަގައިދިނުމަށް ކޯޓުގައި އެދިފައެވެ.
ރާއްޖޭގައި އާންމުކޮށް ކޮންމެ މަހަކުވެސް އެންމެ ގިނައިން ރިޕޯޓުކުރަނީ ވައްކަމުގެ މައްސަލަތަކެވެ. ފުލުހުންގެ ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެކަނިވެސް ވައްކަމުގެ 1,849 މައްސަލަ ވަނީ ހުށަހަޅާފައެވެ.




