ދިވެހިރާއްޖޭގެ ފަންނާއި، ސަގާފަތާއި، ތަރިކައާ ބެހޭ ދާއިރާގެ ކަންކަން ރޭވުމުގައްޔާއި ނިންމުންތައް ނިންމުމުގައި އަމަލީ ގޮތުން ތަރިކަވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައި، އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި "ތަރިކަވެރިންގެ އަޑު" ގެ ނަމުގައި ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.
ރޭ ގައުމީ ދާރުލްއާސާރުގެ ހޯލުގައި ބޭއްވުނު މި ބައްދަލުވުމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވަނީ ބައިވެރިވެވަޑައިގެން، ދާއިރާގެ ފަންނުވެރިންނާ އެކު ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މިއީ ދާއިރާގެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތަކާއި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ފެށި މުހިންމު މަސައްކަތެކެވެ. ބައްދަލުވުމުގެ ތެރެއިން ވަޒީރު ހީނާ ވަނީ ތަރިކަވެރިންނާ އެކު ގާތް ވަގުތުކޮޅެއް ހޭދަކުރައްވައި، އެބޭފުޅުންގެ މަސައްކަތްތައް ހުރި ގޮތުގެ ވާހަކަތައް އަޑުއައްސަވާފައެވެ. އަދި ސަރުކާރާއި ފަންނުވެރިން ގުޅިގެން ސަގާފީ މަސައްކަތްތައް އިތުރަށް ތަރައްގީ ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރެއްވިއެވެ.

"އެއްބަޔަކު އަނެއްބަޔަކާ ދިމާވެ، ތަފާތު ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާއާއި، ވުޒާރާއާއި ފަންނުވެރިންނާ ގުޅިގެން ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކުގެ ޚިޔާލު ލިބިއްޖެ،" ބައްދަލުވުމަށް ފަހު ޝުއޫރު ފާޅުކުރައްވަމުން ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ ބައިވެރިވުން އިތުރުކުރުމަކީ ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫއަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އަދި މި ބައްދަލުވުމަކީ މީގެ ފެށުމެއް ކަމަށާއި، މިރޭ ތަރިކަވެރިން ފާހަގަކުރެއްވި ކަންތައްތަކަށް ރިއާޔަތްކުރައްވައި، ކުރިއަށް އޮތް ތަނުގައި ވަކިވަކި ފޯކަސް ގުރޫޕު މަޝްވަރާތައް ތާވަލުކުރައްވާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ. މިއީ ސިލްސިލާ ހަރަކާތަކަށް ހަދައި، ގަވާއިދުން ތަރިކަވެރިންގެ އަޑު އެއްސެވުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިން ޝައުގުވެރިވާނެ ފަދަ ސަގާފީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކުގައެވެ. އެގޮތުން އިހުގެ ދިވެހީންގެ މެދުގައި މަޝްހޫރު ތަފާތު އެކި ސައިގެ ރަހަބެލުމުގެ ފުރުސަތާއި، ދިވެހި ކުދިކާތަކެތީގެ އިތުރުން، ދާރުލްއާސާރުގެ ފަރާތުން ތައްޔާރުކޮށްފައިވާ ކުޑަ މައުރަޒަކާއި، އޮށްވަޅުގޮނޑި އަދި ތިންހަމަ ފަދަ ދިވެހި ބޯޑު ކުޅިވަރުތައް ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންގޮސްފައި ވެއެވެ.



