ފޯޅަވަހި (ޗާގޯސް) ހިމެނޭ ސަރަޙައްދަށް 5.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކުރެއްވި ގޮތުގައި މި ބިންހެލުން އައިސްފައިވަނީ މިއަދު އިރުއޮއްސި 18:01 ހާއިރުއެވެ.
މި ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ސިޓީއާ 933 ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދަކަށެވެ. ބިންހެލުމުގެ ބާރުމިން 5.4 މެގްނިޓިއުޑްގައި ހުރި ނަމަވެސް، މީގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ކަހަލަ ސީދާ ނުރައްކަލެއް ނެތް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ޔަޤީންކޮށްދެއްވާފައެވެ.
ރާއްޖެއާ ގާތް ސަރަޙައްދުތަކަށް އަންނަ ބިންހެލުންތަކުގެ މަޢުލޫމާތު މޫސުމާ ބެހޭ ޤައުމީ އިދާރާއިން އަބަދުވެސް އަންނަނީ މެދުނުކެނޑި ބަލަމުންނެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަޙައްދަކަށް އަސަރުކޮށްފާނެ ފަދަ ކަމެއް ދިމާވެއްޖެނަމަ، އެ މަޢުލޫމާތެއް ލަސްނުކޮށް އާންމުންނަށް ޙިއްޞާކުރާނެ ކަމުގެ ޔަޤީންކަން އެ އިދާރާއިން އަބަދުވެސް ދެއެވެ.




