ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބޭންކިން ދާއިރާގެ މެންބަރުކަމަށް، މ. ފެއަރީލޮޖް، ޒައިނާ ޢަބްދުﷲ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ޒައިނާގެ ނަން ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް ވޯޓަށް އެހުމުން، އޭނާއަށް ރުހުން ދިނުމަށް ފާސްވީ 47 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ޒައިނާ މި މަޤާމަށް އައްޔަންކުރައްވާފައި ވަނީ މި ހިނގާ މަހުގެ 23 ވަނަ ދުވަހުއެވެ.
ޒައިނާއަކީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާގައި، ޚާއްޞަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަނަންސްގެ ދާއިރާއިން 10 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ. އޭނާ މިހާތަނަށް އަދާކުރައްވަމުން ގެންދެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަޤާމެވެ. އެ މަޤާމުގައި އޭނާ ވަނީ ބޭންކުގެ ކޯޕަރޭޓް ފައިނޭންސިން އޮޕަރޭޝަންތަކާއި، ކްރެޑިޓް އިވެލުއޭޝަން، އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި މަޝްރޫޢުތަކަށް ދޫކުރެވޭ ފައިނޭންސިންއާ ގުޅޭ މުހިންމު މަސްއޫލިއްޔަތުތަކެއް އުފުއްލަވާފައެވެ.
އެމްއައިބީއާ ގުޅިވަޑައިގަތުމުގެ ކުރިން ޒައިނާ ވަނީ ޕީސީބީގެ ސީނިއާ އޮފިސަރެއްގެ މަޤާމުވެސް ފުރުއްވާފައެވެ. އެ މުއްދަތުގައި ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓަކޮށް އިވެލުއޭޓް ކުރުމާއި، މާލީ ބަޔާންތަކާއި ބަޖެޓުތައް ދިރާސާކޮށް ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ޒައިނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއކޭޝަން އިން އިސްލާމިކް ފައިނޭންސްއިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ޙާޞިލުކުރައްވާފައެވެ. އަދި އިންޑިއާގެ ޔުނިވާސިޓީ އޮފް ޕޫނޭއިން ބެޗްލާ އޮފް ކޮމާސް ޑިގްރީ ފުރިހަމަކުރައްވާފައިވާއިރު، އޭނާގެ ފަންނީ ހުނަރުތަކުގެ ތެރޭގައި ކްރެޑިޓް ރިސްކް އެސެސްމަންޓް، ގަވަނަންސް، ރެގިއުލޭޓަރީ ކޮމްޕްލަޔަންސް އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ހިމެނެއެވެ.



